************************************************************************************************************
ފިޠުރުޒަކާތް
ވާޖިބުވަނީ ކޮންބަޔަކަށް؟
ޒަކާތުގެ މިންވަރު އަދި ބާވަތް
ޒަކާތާއި ގުޅޭ ޕްރެޒެންޓޭޝަން
މިޕްރެސެންޓޭޝަންއަކީ ގުރޭޑް 5 އަދި ގުރޭޑް 7 ގެ ޒަކާތް ފިލާވަޅު ކުރިޔަށް
ގެންދިޔުމުގައި މުދައްރިސުންނަށް ބޭނުން ކުރެވިދާނެ ޕްރެޒެންޓޭޝަންއެކެވެ. މި
ޕްރެޒެންޓޭޝަން ގައި ޒަކާތާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ހިމެނިގެންވާނެއެވެ.
ޒަކާތަކީ ކޮބާ؟
އަރަބި ބަހުގައި
(އަލްޒަކާތް) މިބަސް ވަރަށް ގިނަ މާނައިގައި ބޭނުންކުރެވެއެވެ. މީގެ ތެރޭގައި
ގިނަވުން، އިތުރުވުން، ބޮޑުވުން، ޠާހިރުވުން، އަދި ބަރަކާތް ޙާސިލްވުން ހިމެނިގެން
ވެއެވެ. ފިޤުހު އިލްމުވެރިންގެ އިސްޠިލާޙުގައި ޒަކާތަކީ ޙާއްސަ ޝަރުޠުތަކާއި އެކު
މުއްސަނދިންގެ މުދަލުން ނަގާ ފަޤީރުންނާއި މިސްކީނުންނަށް އަދި އެނޫންވެސް ޒަކާތް
ލިބުން ޙައްޤު ވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެވެ. ޒަކާތް ބެހިގެން ވަނީ 2
ބަޔަކަށެވެ. އެއީ ފިތުރު ޒަކާތާއި މުދަލު ޒަކާތެވެ.
ޒަކާދިނުމުގެ ޙުކުމް
ބަޔާންވެ ދިޔަފަދައިން
ޒަކާތަކީ އިސްލާމް ދީނުގެ ރުކުނެކެވެ. މުސްލިމުންގެ ތެރެއިން މުއްސަނދީންގެ
މައްޗަށް ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. އަދި ޒަކާތަކީ މީސްތަކުންގެ ޖާއިޒް
ބޭނުންތައް ފުއްދައިދިނުމަށް އެދުންވެރިކުރުވާފައިވާ މަތިވެރި އަޅުކަމެކެވެ.
އިހްސާންތެރި ޞާލިހުންގެ ކިބައިގައި ވާ މަތިވެރި ސިފަތައް ފާޅުވެގެންދާ އެއްގޮތަކީ
ދީލަތިކަމާއި އެކު ފަޤީރުންނަށް ދޭ އެހީއެވެ.
ޒަކާތުގެ ޙުކުމާއި އަދި ޒަކާތް ޙައްޤުވާ މުދާ
ޢަރަބި ބަހުގައި ޒަކާތުގެ މާނައަކީ
ޠާހިރުކަމެވެ. އަދި އިތުރުވުމެވެ. ޝަރުޢީ ގޮތުން ޒަކާތަކީ ކަނޑައެޅޭ މުދާތަކަކުން ވާޖިބުވާ
ބަޔަކަށް ނުވަތަ ފަރާތަކަށް ނެގޭ ބަޔެކެވެ. އިސްލާމީ ޝަރީޢަތުގައި ޒަކާތަކީ މަތިވެރި
ވެގެންވާ އަޅުކަމެކެވެ.
ޒަކާތް ދިނުމަކީ ވާޖިބެކެވެ.
އަދި އެއީ އިސްލާމް ކަމުގެ ރުކުނެއްވެސް މެއެވެ. ޒަކާތަކީ ނަމާދަށް ފަހުގައިމެ
އިސްލާމް ކަމުގެ އެންމެ މުހިއްމު ރުކުންވެސް މެއެވެ. މުސްލިމް މުޖުތަމަޢެއްގައި އުޅޭ
މީހަކު ޒަކާތުގެ ވާޖިބު ކަމާ މެދު ދެކޮޅުހަދައި އިންކާރު ކޮށްފިނަމަ އޭނަ ކާފިރުވާނެއެވެ.
މިހެނީ އެފަދަ މީހަކު ޒަކާތް ދިނަސް އަދި ނުދިންކަމުގައި ވިޔަސް އިންކާރު އެކުރަނީ
އިސްލާމް ދީނުގެ އަސްލު މަސްދަރު ތަކުގެ ތެރެއިން ޤުރުއާނާއި ނަބިއްޔާ ޞައްލައްﷲ ޢަލައި
ވަސައްލަމް އާއި އުއްމަތުގެ ޢިލްމުވެރިންގެ އިޖުމާޢުގެ މައްޗަށެވެ. އަދި ޒަކާތުގެ ވާޖިބު
ކަމާ މެދު އެއްބަސްވާ ޙާލު ޒަކާތް ދިނުމަށް ފަރުވާ ކުޑަކޮށް މުދަލުގެ ދަހިވެތި ކަމުގައި
ޒަކާތް ނުދޭ މީހާ ކާފިރު ވުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތެވެ. މި ތަފާތުވުމުގެ
ބުރަވެވޭ ރަނގަޅު ގޮތަކީ އޭނަ އަކީ ކާފިރެއް ކަމުގައި ނުވުމެވެ. އެހެން ނަމަވެސް އެއީ
ފާސިގެވެ.
އާދަމުގެ ދަރިޔާގެ ހުރި`ހާ މުދަލަކުން
ޒަކާތް ދޭކަށް ވާޖިބެއްނޫނެވެ. ޒަކާތް ނެރެންޖެހޭނީ އިތުރުވާ މުދަލުންނެވެ.
ޒަކާތް ދިނުންވާޖިބުވާ މުދާ:-
* ރަން
* ރިހި
* ވިޔަފާރި މުދާ
* ގެރިބަކަރި
* ބިމުން ނެރެވޭ ގޮވާމުގެ ބާވަތްތައް
(ގިނަދުވަހު ރައްކާކޮށްފައި ބެހެއްޓޭ ކާނާގެ ބާވަތްތައް) މިއެވެ.
ޙިކުމަތްވަންތަ ﷲ ތަޢާލާގެ މަތިވެރި
ރޭއްވެވުމުގެ ދަށުން ވަކި ޝަރުޠުތަކެއް ހަމަވެގެން މެނުވީ ޒަކާތް ދޭކަށް ނުޖެހެއެވެ.
މިހެނީ ޒަކާތުގެ ގޮތުގައި ދޭންޖެހޭ މުދަލުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ.
ކަނޑަ އެޅޭ ވަކި ސިފަތަކެއް ހަމަނުވާނަމަ ޒަކާތް ދޭކަށް ނުޖެހެއެވެ.
މިފަދަ ޝަރުޠު ތަކެއް ޒަކާތް
ދިނުމުގައި ކަނޑައެޅިގެން ނުވީނަމަ ނަމާދެކޭ އެއްފަދައިން ކޮންމެ ފަރުދަކުވެސް ޒަކާތް
ނެރެން ޖެހުނީހެވެ. އަދި މިކަން ފަޤީރުނަނާއި ނިކަމެތިންނަށް އުނދަގޫ ކަމެއްކަމުގައި
ވީހެވެ.
ފިޠުރުޒަކާތް
ފިޠްރު ޒަކާތަކީ ރޯދަމަސް ނިމުނީމައި
މުސްލިމުން، އެ ޙައްޤުވާ މީހުންނަށް ދޭ ޒަކާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ ކުޅަދާނަކަން
ހުރި މީހުން ކުޅަދާނަކަން ނެތް ފަޤީރުންނަށް ފޯރުކޮށްލާ މާއްދީ އެހީތެރިކަމެކެވެ. ފިޠްރު
ޒަކާތް ފަރުޟު ކުރެއްވުނީ ރޯދައާއި އެކު، ހިޖުރައިން ދެވަނަ އަހަރުގައެވެ. ފިޠްރު ޒަކާތާއި
މުދަލުގެ ޒަކާތަކީ މުޅިން ދެ އެއްޗެއްކަން މި ތާގައި ފާހަގަ ކޮށްލަމެވެ. އަދި ޞަދަޤާތަކީވެސް
ތަފާތު އެއްޗެކެވެ.
ފިޠްރު ނެރުމަކީ މުސްލިމުންގެ
މައްޗަށް ވާޖިބު ކަމެކެވެ.
ރަސޫލާ ބަޔާންކޮށްދެއްވާފައިވާ
ގޮތުން ފިޠްރު ޒަކާތަކީ ރޯދަވެރިއާ، ރޯދައަށްހުރެ ކުރެވޭ ކުދި ކުށްތަކުން ރޯދައަށް
ބުރާފައިވާ ''ހިރަފުހުން'' އެ ސާފުކޮށްދޭ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ ރޯދަމަހު
މުސްލިމުން، ފަޤީރުންގެ ކެކުޅުންތަކާއި، ބަނޑުހައިހޫނުކަން ދެނެގަނެ، އެކަން މުޖުތަމަޢުން
ފޮހެލުމައްޓަކައި އަޅާ ފުރަތަމަ ފިޔަވަޅެވެ. ރަމަޟާންމަހު ގައި ތިމަންނަވީ ބަނޑުހައިކަން
މިއަދު ޢީދު ދުވަހުވެސް އަނެއް އަޚާ ވާނެކަން ހަދާންނުނެތޭކަން ފިޠްރު ޒަކާތުގެ ހާލުގެ
ދުލުން ބުނެއެވެ. ރޯދައަށް ހުރުމުގެ ސަބަބުން އެހެން މީހުންގެ ބަނޑުހައިހޫނުކަން އިޙްސާސް
ކުރަން ދަސްވި ދަސްވުމަށް، ކުރިމަތިވާ ފުރަތަމަ ޙަޤީޤީ އިމްތިޙާނަކީ ޒަކާތް ނެރޭ ދުވަހެވެ.
ވާޖިބުވަނީ ކޮންބަޔަކަށް؟
- މުސްލިމުންގެ
ތެރެއިން، ކޮންމެ އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް ބޮޑުމީހެއް، މިނިވަނެއް އަޅެއް،
ފަޤީރެއް މުއްސަންޖެއްގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ.
- ނަމަވެސް މި ވާޖިބުވާ
މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ، ޢީދުދުވަހާއި އެރޭ އޭނާއާއި ބަލަދުވެރިން
ކާނެ، އަދި ބޭނުންތައްފުއްދޭނެ ފައިސާ ނުވަތަ ތަނަވަސްކަން އަތުގައި ހުރުމެވެ.
ޒަކާތުގެ މިންވަރު އަދި ބާވަތް
ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ
ގޮތުން ، ފިޠްރު ޒަކާތް ދޭންޖެހެނީ، ކަދުރު، ހިމަގޮދަން، ހިކި މޭބިސްކަދުރު، ގޮދަން،
ޗީޒު ނުވަތަ އެރަށެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުން ''ޞާޢެއް'' ގެ މިންވަރެވެ.
ޞާޢު އަކީ އާދައިގެ މީހެއްގެ
ދެއަތުން، ހަތަރު ފަހަރު ނެގޭވަރެވެ. ގޮދަނުން ޞާޢަކީ ގާތްގަޑަކަށް 2.17 ގުރާމެވެ.
ހަނޑުލުން 2.5 ކިލޯއެވެ. އެހެނިހެން އެއްޗެހިން، މިއަށްވުރެ މަދު ނުވަތަ ގިނަވެސް ވެދާނެއެވެ.
ޒަކާތްދޭންޖެހެނީ ކުރިންެވެސް
ދެންނެވިފަދައިން، އެ ތަނެއްގައި ޢާއްމުކޮށް ކައިއުޅޭ ބާވަތަކުންނެވެ. ޢާއްމުކޮށް ކައިއުޅޭއެއްޗަށްވުރެ
މި ދެންނެވި އެއްޗެހީގެ ފެންވަރު ރަނގަޅުނަމަ މި އެއްޗެހިންނެވެ.
ޒަކާތް ނެރެން ޖެހޭނީ ކާއެއްޗެހިންތޯ
ނުވަތަ ފައިސާއިންތޯ، މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ.
ޙަނަފީ މަޛްހަބު ފިޔަވާ އަނެއް ތިން މަޛްހަބުގެ އިމާމުން ދެކެވަޑައިގަތީ ފައިސާއިން
ނުދެވޭނެ ކަމަށެވެ. ނަމަވެސް ޙަނަފީ މަޛްހަބް ދެކެނީ ޒަކާތަށް ވާޖިބުވާ މިންވަރުގެ
އަގު ( ފައިސާއިން ) ޒަކާތް ނެރުން ހުއްދަ ކަމަށެވެ. މިހާރުގެ ގިނަ ޢިލްމުވެރިން ޒަމާނުގެ
ކަންތައްތައް އޮތް ގޮތަށް ބައްލަވާފައި ފަތުވާ ދެއްވަނީ، ފައިސާއިން ފިޠުރު ޒަކާތް
ނެރުން ހުއްދަކަމަށެވެ. އަދި އެ ގޮތް ރަނގަޅު ކަމަށެވެ. އަދި ޢުމަރު ބިން ޢަބްދުލް
ޢަޒީޒާއި ޙަސަނުލް ބަޞްރީ ވެސް މިގޮތަށް ވިދާޅުވިކަމަށް ރިވާކުރެވިފައިވެއެވެ.
ވީމާ ފިޠުރު ޒަކާތް ފައިސާ އިން ދިނުންވެސް ހުއްދައެވެ.
ކިއެއްތެ؟ މިގޮތް ފަޤީރުންނަށް މާ ފައިދާ ބޮޑެވެ. އެހެނީ ގިނަދުވަސް ވަންދެން، ފައިސާ
ގެންގުޅެވިފައި، ހުރިހާ ބާވަތެއްގެ ބޭނުންތައްވެސް އެއިން ފުއްދޭނެތީއެވެ. ކާއެއްޗެހި
މަދު ނަމަ ކާއެއްޗެހި ގަނެވޭނެއެވެ. ކުދިން ކިޔަވަން ބޭނުންވާ އެއްޗެއް މަދު ނަމަ،
އެ ވެސް ގަނެވިދާނެއެވެ. ހަމަ އެހެންމެ ފިޠުރު ޒަކާތަކީ އަޅުކަމެއްގެ އިތުރުން މުސްލިމުންގެ
ބައެއްގެ މަސްލަހަތާ ވެސް ގުޅިފައިވާ ކަމެކެވެ. ވީމާ މި މަސްލަހަތު ބޮޑަށް ޙާޞިލް ކުރެވޭނެ
ގޮތެއް ބަލަން ޖެހޭނެއެވެ.
just a verified copy...
ReplyDelete