Namaadhu

************************************************************************************************************
ނަމާދު

ނަމާދުގެ މުހިއްމުކަމާއި ނަމާދު އެޅުމުގެ ޙުކުމް

ނަމާދަކީ ޚާއްޞަ ޢަމަލުތަކަކާއި ކިއުންތަކެއްގެ މައްޗަށް އެކުލެވިގެންވާ އަޅުކަމެކެވެ. ނަމާދު ތަކުބީރުން ހުޅުވާލެވެއެވެ. އަދި ތަސްލީމަކުން ނިންމާލެވެއެވެ. އެބަހީ: الله أكبر އިން ފެށެއެވެ.السلام عليكم ނިންމާލެވެއެވެ. ނަމާދަކީ އިސްލާމްދީނުގައި އެއަޅުކަމެއް އަދާކުރުމަށް އެންމެ ބާރު އަޅުއްވާފައިވާ އަޅުކަމެވެ. ނަމާދަކީ ދީނުގެ ތަނބުވެސް މެއެވެ. އެ އަޅުކަމާއި ނުލައި ދީން ޤާއިމްވެ ނުހުންނާނެއެވެ.  ނަމާދުގެ މުހިއްމުކަން ކީރިތި ޤުރުއާނުންނާއި، މާތް ނަބިއްޔާ މުޙައްމަދުއް ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވަރަށް ރީތިކޮންފެންނަން އެބައޮތެވެ.

ނަމާދު ވަޤުތުތައް

މާތް ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟު ކުރައްވާފައެވެ. އެ ނަމާދުތަކަކީ، މާތް ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. އެނގޭ އެއް ޙިކުމަތަކީ، ދުވާލާއި ރޭގަނޑު ވެސް، އަޅާގެ ހިތް ހެއްދެވި ފަރާތާއި ގުޅިފައި ބެއްވުމެވެ. ހެނދުނާއި ހަވީރު ގަހަށް ފެންދެނީ ގަސް ހެދިބޮޑު ވިޔަ ދިނުމަށް ކަމަށް ވަންޏާ، ފަތިހާއި މެންދުރާއި ހަވީރާއި ރޭގަނޑު ނަމާދު ކުރަނީ، އިންސާނާގެ ރޫޙަށް ދެވޭ ކާނާއެއްގެ ގޮތުގައި ކަމަށް ފަހަރެއްގައި ސިފަ ކުރެވިދާނެއެވެ. އަބަދު ވެސް މާތް މަތިން ހަނދުމަ ކުރުމަށެވެ.
އަބަދުވެސް ސީދާ މަގުގައި ހުރުމަށެވެ. އަބަދުވެސް މުންކަރާތާއި ފާޙިޝް ކަންތަކުން ދުރުވެ ހުރުމަށެވެ. ރެއާ ދުވާލު، ހަފްތާއަކު ހަތް ދުވަހު، އަހަރުގެ ތިންސައްތަ ސައުރަވަންނަ ދުވަހުއެވެ.

މެންދުރު ނަމާދު:
މަތީގައި ވާ ޙަދީޘްގައި ވަނީ ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު، އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އެ މީހާއާ އެއްވަރު ވަންދެނެވެ.'' ވީމާ މި ބަސްފުޅުގައި މި ވަނީ، މެންދުރު ނަމާދު ފެއްޓޭ ވަގުތާއި ނިމޭ ވަގުތު ބަޔާން ކުރައްވާފައެވެ. ފެއްޓޭ ވަގުތަކީ އިރު މެދުން ލެނބުމެވެ.
އެހެން ގޮތަކަށް ބުނާނަމަ، މެންދުރުނަމާދު ވަގުތު ފެށެނީ ދުވާލު ދެބައިކުރުމަށްފަހު ދެވަނަބައި ފެށުމާއި އެކުގައެވެ. ނުވަތަ އިރުގެ ދޯދީގެ ސަބަބުން ކޮންމެ އެއްޗަކަށް ވެސް ލިބިފައި ހުންނަ ހިޔަނި ދިގުވާންފެށުމުންނެވެ. އިރު އަރާވަގުތު ކޮންމެ އެއްޗަކަށްވެސް (އިރުގެ ދޯދީގެ ސަބަބުން) ލިބިފައި ހުންނަ ހިޔަނީގެ ދިގުމިނުގެ ނިމުމެއް ނު އޮންނާނެއެވެ. ނަމަވެސް އިރު މައްޗަށް އަރަމުން ދާ ވަރަކަށް އެ ހިޔަނި ކުރުވަމުންގޮސް އެ ދުވަހަކު ކުރުވާނެ އެންމެ ކުރުވުމަށްފަހު، ނުވަތަ މުޅިން ހުސްވުމަށްފަހު (ގެއްލުމަށްފަހު)، ދިގުވާން ފަށާނެއެވެ. އެއީ މެންދުރު ނަމާދު ވަގުތު ފެށޭވަގުތެވެ.

ޢަޞްރު ނަމާދު:
ޢަޞްރު ނަމާދު ފެއްޓޭ ވަގުތަކީ މެންދުރު ނަމާދު ނިމޭ ވަގުތުކަން ކުރީ ނުކުތާގައި ބުނެވި ހިނގައްޖެއެވެ. ވީމާ ދެން އެނގެން ބޭނުން ވަނީ، ޢަޞްރު ނަމާދު ނިމޭ ވަގުތެވެ.
ޢަޞްރު ނަމާދު ވަގުތު ނިމުމަށް ދެ ވަގުތެއް އޮވެއެވެ. އެއީ :
1- އިޚްތިޔާރީ ވަގުތަކާއި ޟަރޫރީ ވަގުތެކެވެ. އިޚްތިޔާރީ ވަގުތަކީ، އެ ނަމާދު ކުރަން ކަނޑައެޅިފައިވާ އަސްލު ވަގުތެވެ. އެއީ އިރު ރީނދޫ ވަންދެނެވެ. ''އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ.''

2- ޟަރޫރީ ވަގުތަކީ ޟަރޫރީ ހާލަތެއް ދިމާވެއްޖެ މީހަކަށް ކަނޑައެޅިފައިވާ ވަގުތެވެ. އެއީ އިރު އޮއްސެންދެނެވެ. މި ކަން އެނގެނީ ތިރީގައި މިވާ ޙަދީޘުންނެވެمَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ
''އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ފަތިސް ނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.'' (ރިވާ ކުރެއްވީ އަލްބުޚާރީ:554 ، މުސްލިމް: 608 )
ޢަޞްރު ނަމާދަށް ދެ ވަގުތެއް އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާން ޖެހުނީ، ކީއްވެތޯ ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ އެއީ އައިސްފައިވާ ދެ ޙަދީޘް އޮތީމައެވެ. ވީމާ ދެ ޙަދީޘް ވެސް ނަގަން ޖެހެއެވެ. އެ ގޮތުން ޢިލްމުވެރިން ވަނީ ދެ ޙަދީޘް ގެ މާނަ އަރާރުން ނުވާނެ ފަދަ ގޮތަކަށް މާނަ ނަންގަވާފައެވެ.
ޢަޞްރު ނަމާދަށް އޮންނަ އިޚްތިޔާރީ ވަގުތު އެނގެނީ މި ބަސްފުޅުންނެވެ. ''އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ.''
ޢަޞްރު ނަމާދަށް ޟަރޫރީ ވަގުތެއް އޮންނަކަން އެނގެނީ މި ބަސްފުޅުންނެވެ. ''އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.''

މަޣްރިބް ނަމާދު:
ޙަދީޘްގައި ވަނީ ''އަދި މަޣްރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނު ފިލާހާ ހިނދެވެ.'' މި ފަދައިންނެވެ.
ޢަޞްރު ވަގުތު ނިމޭ ހިސާބުން، މަޣްރިބް ވަގުތު ފެއްޓުނީއެވެ. އިރު އޮއްސި މަޣްރިބް ނަމާދު ފެއްޓުމުން ދެން މަޣްރިބް ނަމާދު ނިމުމާ ދޭ ތެރޭ މާ ގިނަ ވަގުތެއް ނޯވެއެވެ. މަޣްރިބް ނަމާދުގެ އެންމެ ފަހު ވަގުތަކީ، އުޑު މަތިން ރަތް ވިލާ ގެއްލެންދެނެވެ. އަދި މިއީ ޢިޝާ ފެއްޓޭ ވަގުތު ވެސް މެއެވެ.

ޢިޝާ ނަމާދު:
ޙަދީޘްގައި ވަނީ ''އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަން ދެނެވެ.'' މިފަދައިންނެވެ.
ޢިޝާ ނަމާދުގެ އިޚްތިޔާރީ ވަގުތަކީ، ރަތް ވިލާ ފިލުމަށްފަހު، މެންދަން ވަންދެނެވެ. ޟަރޫރީ ވަގުތަކީ ފަޖްރުއް ޞާދިޤު ފެއްޓެންދެނެވެ.
ނަމަވެސް ޢަޞްރު ނަމާދުގައި ވާ ފަދައިން ފަތިސް ނަމާދުގައި މި ދެ ވަގުތު އޮންނަ ކަމަށް ހުރިހާ ޢިލްމުވެރިންނެއް އެއްބަސްވެ ނުލައްވައެވެ.(ޝައިޚް ޢުޘައިމީން ވިދާޅުވެފައި ވަނީ ފަހުން މި ބުނި ފަދައިން)
މި ބޭފުޅުން ވިދާޅުވަނީ، ޢިޝާ ނަމާދުގެ ވަގުތު މެންދަން ވުމަށް ފަހު ދެމި ނު އޮންނަ ކަމަށެވެ. މެންދަން ވުމަށް ފަހު އޮންނަނީ، ރޭ އަޅުކަން ކުރާ ވަގުތު ކަމަށެވެ. ދަލީލެއްގެ ގޮތުގައި ނަންގަވާ އެއް ދަލީލަކީ، އަލްއިސްރާ ސޫރަތުގެ 78 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ: ''އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް، ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ، މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.) އަދި ފަތިސް ނަމާދު ކުރައްވާށެވެ. ހަމަ ކަށަވަރުން ފަތިސް ނަމާދަކީ(ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެކެވެ.'' (އަލްއިސްރާ: 78)
މި އާޔަތުން ދަލީލު ނަންގަވާ ބޭފުޅުން ވިދާޅުވެފައި ވަނީ ފަސް ނަމާދުގެ ތެރެއިން ހަތަރު ނަމާދު މި އާޔަތުގައި ވަނީ ފުލުފުލުގައެވެ. އެއީ މެންދުރު، ޢަޞްރު، މަޣްރިބް، ޢިޝާއެވެ. ދެން ފަތިސް ނަމާދުގެ ވާހަކަ އައިސްފައި ވަނީ ވަކި ބައެއްގެ ގޮތުގައެވެ. އަނެއް ނުކުތާއަކީ، ޣަސަޤް ގެ މާނައެވެ. ޢަސަޤް ގެ މާނައަކީ ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވާ ވަގުތެވެ. އެއީ މެންދަންވާ ވަގުތެވެ. ވީމާ ޣަސަޤާ ހަމައަށް އޮތުމުގެ މާނައަކީ، ޢިޝާ ނަމާދުގެ ފަހު ވަގުތަކީ އެއީ ކަމަށެވެ.
ފައިދާއެއް: ދިވެހި ބަހުގައި ''މެންދަމުން އަލިވުން'' އޭ ކިޔަނީ ރޭގަނޑު އަނދިރިވާނެ އެންމެ ގަދައަކަށް އަނދިރިވެފައި، ދެން އަނިދިރިކަން މަޑުވަމުން އަލިވަމުން ދާން ފަށާތީ ކަމަށް، އެކަށީގެންވެއެވެ.
ޢިޝާ ނަމާދުގެ ވަގުތު ޟަރޫރަތަށްޓަކައި، ދެވަނަ ފަޖުރާ ޖެހެންދެން އޮންނަ ކަމަށް ދޭހަވާފަދަ ޢިބާރާތެއް، ޙަންބަލީ މަޛްހަބުގެ އިމާމް އިބްނު ޤުދާމާ އަލްމުޣްނީގައި ވިދާޅުވެފައިވެއެވެ: ''ބޮޑަށް ރަނގަޅު ގޮތަކީ، ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ފަސް ނުކުރުމެވެ. އަދި ދެބައިކުޅަ އެއްބަޔަށް ފަސްކުރިއަސް އެއީ ހުއްދަ ގޮތެކެވެ. ދެބައިކުޅަ އެއްބަޔަށް ވުރެ ފަސް އެއީ ޟަރޫރީ ވަގުތެވެ. އޭގެ ޙުކުމަކީ، ކުރިން ޝަރަޙަކޮށް ބަޔާން ކުރެވުނު ޢަޞްރު ނަމާދުގެ ޟަރޫރޫ ވަގުތުގެ ޙުކުމެވެ. ދެން ދެވަނަ ފަޖުރު ވިލެންދެން ޢިޝާގެ ވަގުތު ދެމި އޮވެއެވެ.'' (މުޣްނީ/ ނަމާދު ވަގުތުގެ ބާބު) 
ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް އައްނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވަނީ: ''ޢިޝާނަމާދަށް ހަތަރު ވަގުތެއް ވެއެވެ. އެންމެ ރަނގަޅު ވަގުތާއި އިޚްތިޔާރު ވަގުތާއި ހުއްދަ ވަގުތާއި ޢުޒުރުގެ ވަގުތެވެ. އެންމެ ރަނގަޅު ވަގުތަކީ ވަގުތު ފެއްޓޭ ވަގުތެވެ. އިޚްތިޔާރު ވަގުތަކީ ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވަންދެނެވެ. އެހެން ބަހެއްގައި މެންދަންވަންދެނޭ ވެސް އޮވެއެވެ. ހުއްދަ ވަގުތަކީ ދެވަނަ ފަޖުރުލަންދެނެވެ. ޢުޒުރުގެ ވަގުތަކީ ދަތުރުވެރިޔާ ނުވަތަ ވާރޭގެ ސަބަބުން މަޣްރިބާ ޖަމްޢުކުރާ ވަގުތެވެ.'' (އަލްމަޖްމޫޢް: ނަމާދުވަގުތުގެ ބާބު/ ޢިޝާވަގުތަކީ ރަތްވިލާފިލުން)
ޙަނަފީ ޢިލްމުވެރިއެއް ކަމުގައިވާ އަލްކާސާނީ ބަދާއިޢުއް ޞަނާއިޢް ގައި ވިދާޅުވަނީ: ''އަހަރެމެން ދެކެނީ ޢިޝާ ނަމާދުގެ އެންމެ ފަހު ވަގުތަކީ ފަޖުރުއްޞާދިޤު ވިލުމެވެ.''

ފައިދާއެއް: މެންދަމުގެ މާނައަކީ 12 ޖެހުމެއް ނޫނެވެ. އަދި ރޭގަނޑު ބައި ކުރުމުގައި ބަލަނީ އިރު އޮއްސޭ ވަގުތުން ފެށިގެން އިރު އަރާ ވަގުތާ ދެމެދަކަށް ނޫނެވެ. ބަލަނީ އިރު އޮއްސިގެން ދެވަނަ ފަޖުރު ލުމާ ދެމެދު އޮންނަ ވަގުތަށެވެ. މިސާލަކަށް، އިރު އޮއްސެނީ ހައެއް ޖަހާ އިރު ކަމަށް ވެފައި ދެވަނަ ފަޖުރު ލަނީ ފަހެއް ޖަހާ އިރު ކަމަށް ވަންޏާ، މެންދަމަކަށް ވާނީ ގަޑިން އެގާރަ ގަޑި ބައެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާނީ ނުވަގަޑި ސާޅީހެވެ.

ފަތިސް ނަމާދު:
ޙަދީޘްގައި ވަނީ ''އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެކެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ.'' މި ފަދައިންނެވެ.
ވީމާ ފަތިސް ނަމާދު ވަގުތު ފެށެނީ، ދެ ވަނަ ފަޖްރު ލުމުންނެވެ. ނިމެނީ އިރު އެރުމުންނެވެ. ދެވަނަ ފަޖުރާއި ފުރަތަމަ ފަޖުރާއި ދެމެދު ގާތްގަނޑަކަށް ގަޑިއެއްހާ ވަގުތު ހުންނަ ކަމަށް ވެއެވެ. ފުރަތަމަ ފަޖުރަކީ އޭގެ އެއްވެސް އަސަރެއް އަޅުކަމަކަށް ފޯރާ އެއްޗެއް ނޫނެވެ. މާނައަކީ، ރޯދަ ހިފާ މީހުން، ފަތިސް ނަމާދު ވަގުތު ބަލާ މީހުން ބަލަން ޖެހެނީ މިއަކަށް ނޫނެވެ. ބަލަން ޖެހެނީ ދެވަނަ ފަޖުރަށެވެ. ދެވަނަ ފަޖުރުގެ ފަހުން ރޯދަ ވެރިއާ ކެއުން ޙަރާމް ވީއެވެ. ނަމާދު ވަގުތު ޖެހުނީއެވެ.








No comments:

Post a Comment