އިސްލާމްދީނުގެ
ފަސްވަނަ ރުކުން (އަލްޙައްޖު)
ތަޢުރީފް
ޝަރީޢަތުގައި
ޙައްޖޭބުނެވެނީ ޚާއްޞަކަންތައްތަކެއް ކުޅައުމަށްޓަކައި ކަޢުބަތުﷲގެފުޅަށް ދިއުމަށް
ގަސްދުކުރުމަށެވެ. ނުވަތަ އެއީ، ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ
ޚާއްޞަކަންތައްތަކެއް ކުރުމަށްޓަކައި ޚާއްޞަތަނަކަށް ދިއުމަށް ގަސްދުކުރުމެވެ.
ތަޢުލީމުއްދިޔާނާގައި އަންނަނިވިގޮތަށް ތަޢުރީފުކުރެވިފައިވެއެވެ. ޙައްޖަކީ
ވަކިދުވަސްވަރެއްގައި ވަކިގޮތެއްގެ މަތީން އަދާކުރެވޭ އަޅުކަމެއް
އަދާކުރުމަށްޓަކައި ގެފުޅުގެ އަރިހަށް ދިއުމެވެ.
ތަޢުރީފުގެ ޝަރަޙަ
1.
ވަކިދުވަސްވަރެއްގައި:
ޙައްޖުގެ އަޅުކަމަށް ނިޔަތްގަނެ އިޙުރާމްބަނދެވޭނީ އެކަމަށް ކަނޑައެޅިފައިވާ
ޚައްޞަދުވަސްވަރު އައުމުންނެވެ. އެއީ، ޝައްވާލުމަހާއި، ޛުލްޤައިދާމަހާއި އަދި
ޙައްޖުމަހުގެ ފުރަތަމަ ދިހައާހަމަށެވެ. ނަމަވެސް މިކަމަކީ، ދުނިޔޭގެ
އެތަންމިތަނުން ވަރަށްގިނަ މުސްލިމުން ކިންގުޑަމް އޮފް ސަޢޫދިއެރެބިޔާއަށް
އައިސްގެން ކުރާ އަޅުކަމެކެވެ. މިކަމުގައި ވަރަށްގިނަ އިދާރިމީހުންނާއި ސަރުކާރުގެ
މުއައްސިސާތައް މަޝްޣޫލުވެގެންދާ މަތިވެރި އަޅުކަމެކެވެ. މިހެންވެ ކަނޑައެޅިފައިވާ
ޤައުމުގެ އާބާދީގެ ނިސްބަތުން ވަކިކޯޓާއެއް ކޮންމެ ޤައުމަކަށް ދެވިފައިވެއެވެ.
ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މެދުތެރޭގައި ސަޢުދިއެރެބިޔާއަށް ދާންޖެހެއެވެ.
ޙައްޖުގެ
ފިލާވަޅުގައި ވަކިދުވަސްވަރެކޭބުނެ އިޝާރާތްކުރެވެނީ ޙައްޖުގެ މީޤާތުގެ
އެއްބަޔަށެވެ. އިޙުރާމްބަންނަތަނާއި އަދި އިޙުރާމްބަންނަ ވަގުތު ނުވަތަ ޒަމާނަކީ
މީޤާތެވެ. މިގޮތުން މީޤާތުޒަމާނީއަކީ ޙައްޖަށް ނުވަތަ ޢުމުރާއަށް
ދިޔުމަށްޤަޞްދުކޮށް ނިޔަތްގަނެ އިޙުރާމްބަނުމަށް އޮންނަވަގުތެވެ. މިގޮތުން
ޙައްޖަށް ނިޔަތްގަތުން ލާޒިމުވަގުތު (ދުވަސްތައް) އިސްވެބަޔާންވެގެން
ހިނގަންޖެއެވެ. ނަމަވެސް ޢުމުރާއަކަށް ވަކިދުވަސްވަރެއް ނޯވެއެވެ.
2.
ވަކިގޮތެއްގެ
މަތީންއަދާކުރެވޭ: ޙައްޖުގެ މަނާސިކުގެ ތެރޭގައި ހިމެނޭ ކޮންމެ ކަމަކީވެސް
އެކަމަށް ކަނޑައެޅިފައިވާ ވަކިވަގުތަކާއި އަދި ވަކީގޮތެއް އޮތްކަންތައްތަކެކެވެ.
މިހެންކަމުން އިޙުރާމްބަނުމުން ފެށިގެން ޠަވާފުލްވަދާޢުގެ ނިޔަލަށް ހުރިހާ
ނުސްކެތްވެސް އަދާކުރެވެނީ ވަކިގޮތަކަށެވެ. ކީރިތި ރަސޫލާ ޞައްލައްﷲ
ޢަލައިވަސައްލަމް ޙަދީޘްފުޅުކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުން ޙައްޖުގެ
އަޅުކަން އަދާކުރާނެގޮތް ހޯދާށެވެ!" ޠަވާފުކުރުމާއި ސަޢުޔުކުރުމާއި
ޖަމްރާޔަށް ހިލައުކުމާއި ޢަރަފާތުގައި ހުރުމާއި މިނޫންވެސް ޙައްޖުގެ ކަންކަމަށް
ވިސްނައި ފިކުރާށެވެ.
3.
ޙައްޖުގެ
މަނާސިކުތަކުގައި ހިމެނޭ ކޮންމެކަމެއްވެސް ކުރެވެނީ އެކަމަށް ޚާއްޞަކުރެވިފައިވާ
ތަނެއްގައެވެ. މި އަޅުކަމުގެ ބޮޑުބަޔަކީ ޙަރަމްފުޅުގައި ކުރެވޭކަންތައް ތަކެވެ.
މިސާލަކަށް: ޠަވާފުކުރެވެނީ ގެފުޅުގެ ވަށައިގެންނެވެ. ސަޢުޔުކުރަނީ ޞަފާއާއި
މަރުވާގެ ދެމެދުގައިއެވެ.
ޙައްޖުޝަރުޢުވުން:
މިކަމާމެދު ބަޔާންވެގެންވާ ވާހަކަތަކުގެ ތެރެއިން އެންމެ ޞައްޙަވާހަކައަކީ
ޙައްޖުޝަރުޢުވީ ހިޖްރައިން 6ވަނައަހަރު ނުވަތަ 9 ވަނަ އަހަރުގައި ކަމަށް
ބުނާބަހެވެ. މީގެ ތެރެއިންވެސް ހިޖްރައިން 9 ވަނައަހަރުގައި ކަމަށް ބުނާބަހަށް
އިބްނުޤައްޔިމު ފަދަ ޢިލްމުވެރި ޢައްލާމާއިން ތަރުޖީޙުދެއްވައެވެ. އެއީ
ޙައްޖުފަރުޟުކުރެއްވި ޝަރުޢީދަލީލުކަމުގައިވާ އާލްޢިމްރާންސޫރަތުގެ 97 ވަނައާޔަތް
ބާވައިލެއްވިފައިވަނީ ހިޖްރައިން ނުވަވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށްވާތީއެވެ.
ރަސޫލާ(ޞ)
އެއަހަރު ޙައްޖުނުކުރެއްވުން؛ ޙައްޖުފަރުޟުވުމާއެކު އެ އަހަރުގެ އަމީރުލްޙައްޖުގެ
ގޮތުގައި ކީރިތި ރަސޫލާފޮނުއްވީ އަބޫބަކުރުގެފާނެވެ. އެކަލޭގެފާނު އެއަހަރު
ޙައްޖުގެ އަޅުކަން އަދާކުރައްވަން ވަޑައިނުގެންނެވުމަށް މެދުވެރިވި ސަބަބު ނުވަތަ
ޝަރުޢީ ޢުޛުރުކަމުގައި ޢިލްމުވެރިން ކަންތައްތަކެއް ހާމަ ކުރައްވާފައިވެއެވެ. އެއީ
-
ޝިރުކުގެ
އަހުލުވެރިންވެސް އެމީހުންގެ އާދަކާދައިގެ މަތީންއެދުވަސްވަރު ހައްޖުވުމަށް
ގެފުޅަށް ދިއުން
-
ފޭރާމެއް
ނުލައި ގެފުޅުގައި ޠަވާފުކުރުމުގެ މުޑުދާރުއާދައަށް އޭރުނިމުމެއް ނައުން
.(އެހެންވެ މިދެކަންތައް މަނާކުރައްވާ އެކަން އިޢުލާން ކުރުމުގެގޮތުންނާއި
ޙައްޖުގެފަރުޟުއަދާކުރުމަށް އަބޫބަކުރުގެފާނު ފޮނުއްވީއެވެ.)
-
ޙައްޖުގެ
ވަގުތުފާއިތުވިފަހު އާޔަތްބާވައިލެއްވުން / ޙައްޖުގެ އަޅުކަން އަދާކުރުމަށް
ޝަރުޢުކުރެއްވި ވަގުތުގައި އަދާކުރެއްވުމަށް ކީރިތި ރަސޫލާ (ޞ) ބޭނުންފުޅުވުން
-
ކޮންމެވެސް
ބިރުވެރިކަމަކާއި ޢުޛުރަކާހުރެ އެއަރު އެކަލޭގެފާނަށް ޙައްޖުވުމުގެ ކުޅަދާނަކަން
ނެތުން
-
ގިނަބަޔަކަށް
ޙައްޖުގެ އަޅުކަން އަދާކުރާނެގޮތް އުނގަންނައި ދިނުމަށް ބޭނުންފުޅުވުން
-
އެކަލޭގެފާނުގެ
ރިސާލަތުގެ އަމާނާތް ފުރިހަމައަށް އަދާކުރެއްވި ކަމުގެމައްޗަށް އުންމަތުގެ
ހެކިހޯއްދަވަން ބޭނުންފުޅުވުން
-
ޙައްޖުފަސްކޮށް
އަދާކުރުން ހުއްދަކަން ހާމަކުރެއްވުން
ޙައްޖުގެ
މާތްކަން: ޙައްޖަކީ އެހެން ހުރިހާ އިސްލާމްކަމުގެ ރުކުންތަކާ އަޅާބަލާއިރު ވަރަށް
ގިނަޢިބުރަތްތައް އެކުލެވިގެންވާ އަޅުކަމެކެވެ. އަދި މި އަޅުކަމުގައި
އިސްލާމްކަމުގެ އެހެންހުރިހާ ރުކުންތަކެއް ޝާމިލުވެގެންވެއެވެ. މިގޮތުން، ޙައްޖަކީ
އޭގައި މާއްދީގޮތުންނާއި މާނަވީގޮތުން އެތައް ގިނަގުނަ ފައިދާތަކެއް
އެކުލެވިގެންވާ މާތްއަޅުކަމެކެވެ.
ވަގުތާއި މުދަލާއި
އަދި ޙަލާލު އެތައްކަމެއް (މިސާލް: ދޫނިހިފުން، މަސްކެއުން ޖަނަވާރުހިފުން،
ފިރިހެނުން ފަހާފައި ހުރިއެއްޗެއްލުން، އިޙުރާމްގެ ޙާލަތުގައި ހުވަދުލުން،
އަނިބިމީހާގެ ގާތުން އަރާމެއް ހޯދުން މިފަދަ އެތައް ހުއްދަކަމެކެވެ.) ﷲއަށްޓަކައި
ޤުރްބާންކުރެވެއެވެ. ﷲ ޤަބޫލުކުރައްވައިފި ޙައްޖަކީ މަބްރޫރުޙައްޖެކެވެ. މިފަދަ
ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަމުގައި އެކަލޭގެފާނު އިރުޝާދު ދެއްވާފައިވެއެވެ. އަދި
ހަމައެހެންމެ އެފަދަ ޙައްޖެއް ލިބިއްޖެ މީހަކީ ފާފައިން ޠާހިރުވެ ސާފުވުމުގައި
ދުނިޔެއަށް ހަމައެދުވަހު އުފަންވި ކުއްޖެއްފަދަ ކަމުގައިވެސް އަންގަވާފައިވެއެވެ.
މީގެއިތުރުން
މަސްޖިދުލްޙަރާމްގައި ކުރާކޮންމެ ނަމާދަކީ އެހެންމިސްކިތެއްގައި ކުރާ
އެއްލައްކަނަމާދާ ނުބައްދަލު ގިނަދަރުމަހުރި އެއްޗަކަށް ވީހިނދު، ޙައްޖުގެ
ތެރޭގައި އެ މާތްޙަރަމްފުޅުގައި އަޅުކަން ކުރުން ގިނަކުރުމުގެ ފުރުޞަތުލިބިގެން
ދެއެއެވެ. ހަމައެހެންމެ ޢަރަފާތްދުވަހަކީ ﷲގެ އޯގާވަންތަ ބެއްލެވުމަކުން
ހައްޖުވެރިންނަށް އާދެ! ﷲގެ މެހުމާނުންނަށް ބައްލަވައިދުވަހެވެ. އެންމެގިނައިން
ނަރަކައިން މީސްތަކުން މުއްތިކުރައްވާނެ ދުވަހަކީވެސް ހަމައެއީކަމުގައި
ރިވާވެގެންވެއެވެ.
ޙައްޖުގެ
ރުކުންތައް: މީޤާތުން އިޙުރާމްބަނުން، ގެފުޅުގައި ޠަވާފުކުރުން، ޢަރަފާތުގައި
ހުރުން، ޞަފާމަރުވާގައި ހިނގުން އަދި ބޯބޭލުން ނުވަތަ ކޮށުންމިއެވެ. މިއީ
ޝާފިޢީގެފާނުގެ އަރިހުގައި ޙައްޖުގެ ރުކުންތައް ކަމުގައި ފާހަގަކުރެވިފައިވާ
ކަންތައްތަކެވެ.
ޙައްޖުވާޖިބުވުމުގެ
ޝަރުޠުތައް؛ އިސްލާމްކަން، ބުއްދިހުރުން، ބާލިޣުވުން، މިނިވަންކަން، ކުޅަދާނަކަން
ލިބުން
ކުޅަދާނަކަން
ލިބުމުގައި ފުރިހަމަވާންވީ ކަންތައް : ހަށިގަނޑުގެ ދުޅަހެޔޮކަން ސަލާމަތްކަން،
ހައްޔަރުވެފައިނެތުން، މަގުއަމާންވުން، އަންހެނަކުނަމަ މަޙުރަމަކު ނުވަތަ ފިރިމީހާ
އެކުގައި ދިޔުން، އަންހެނަކު ނަމަ ޢިއްދައިގެ ދުވަސްވަރުކަމުގައިނުވުން
ޙައްޖުޞައްޙަވުމުގެ
ޝަރުޠުތައް: އިސްލާމްކަން، އިޙުރާމްބަންނަށް އޮންނަވަގުތުގައި އިޙުރާމްބަނުން،
އިޙުރާމްބަނުމަށް ކަނޑައަޅާފައިވާ ތަން ފަހަނައަޅާ ނުދަނީސް އިޙުރާމްބަނުން، ތަންދޮރުވަކިކޮށްދަތުން،
ޢުޛުރުވެރިނޫން ޙާލަތުގައި އަމިއްލައަށް ޙައްޖުގެ ނުސްކުތައް އަދާކުރުން ،
ޖިމާޢުވުންފަދަ ކަމެއްނެތުން